މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު އިއުލާން ކުރި ކޮވިޑް ކޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 89 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 22 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 32 މީހެއްގެ އިތުރުން ލިވަބޯޑުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 18،612 އަށް އަރާފައެވެ. މިއަދު 96 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 16،061 އަށް އަރާފައެވެ. އެހެންކަމުން މި ވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު ކަމށް ރިޕޯޓް ކޮށްފައި ވަނީ 2484 އެވެ. އަދި އެ މީހުންގެ ތެރެއިން 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި ދެ މީހަކު މަރުވެފައި ވާއިރު މިއީ މި ހިންގާ ފެބްރުއަރީ މަހު މި ބަލީގައި މަރުވި 9 ވަނަ މީހާއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 60 އަށް އަރާފައެވެ. އެއީ 53 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 58 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 2733 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.

ރާއްޖޭގައި ކޭސްތައް ގިނަ ވަމުންދާ 3 ސަރަހައްދެއް ވަނީ މޮނިޓަރިން ހާލަަތަށް ލައި ކާފިއު އިއުލާން ކޮށްފައެވެ. މާލެ ސަރަަހައްދުގެ އިތުރުން އައްޑު އަދި ފުވައްމުލައް ވެސް ވަނީ ކާފިއު އިއުލާން ކޮށްފައެވެ.