އެއްކޮށް މަސައްކަތް ކުރާ މީހުން ގްރޫޕް ވެކްސިން ޖެހުމަށް ރަޖިސްޓާ ވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ވަނީ، އެކި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ރަޖިސްޓާ ވާން ޖެހެނީ ކޮންތަނަކަށް ކަމާއި، އެތަނަކަށް ގުޅޭނެ ނަންބަރާއި، މެއިލް އެޑްރެސް ވެސް އާންމު ކޮށްފައެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތައް، އަދި ފިހާރަތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މުވައްޒަފުން ރަޖިސްޓާ ވާން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީއަށެވެ. ސްޕޯޓްސް ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން އެންޖީއޯ ނުވަތަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ރަޖިސްޓާ ވާން ޖެހެނީ ޔޫތް މިނިސްޓްރީ އަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ފަރާތްތަކުން ފިޝަރީސް މިނިސްޓްރީގައި ރަޖިސްޓާ ވާން އަންގާފައި ވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓާ ވުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.

ކުންފުނިތަކާއި މުއައްސަސާތަކުން ވެކްސިން ޖެހުމަށް ރަޖިސްޓާ ވުމުން އެ ތަނެއްގެ މެންބަރުންނާއި މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ދާން އެޕޮއިންޓްމަންޓް ލިބޭނެއެވެ.

ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މިހާތަނަށް 64،048 މީހުން ވެކްސިން ޖަހާފައި ވެއެވެ. އަދި މިހާރު ވެސް ވަނީ އުމުރުން 35 އަހަރުން މަތީގެ އެންމެންނަށާއި، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެޗްޕީއޭއިން މައުލޫމާދު ދޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް ވެކްސިްނުގެ ފުރަތަމ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭނީ މީގެ 8 ހަފްތާ ފަހުންނެވެ.