މިއަދު 6:00 އާ ހަމައަށް އިތުރު 127 މީހަކު ކޮވިޑް-18 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 98 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 10 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 17 މީހެއްގެ އިތުރުން ލިވަބޯޑުން ޕޮޒިޓިވްވި ދެ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 18،467 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 102 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 15،965 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2446 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 159 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ. އެއީ 51 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 58 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 2588 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.
ރާއްޖޭގައި ކޭސްތައް ގިނަ ވަމުންދާ 3 ސަރަހައްދެއް ވަނީ މޮނިޓަރިން ހާލަަތަށް ލައި ކާފިއު އިއުލާން ކޮށްފައެވެ. މާލެ ސަރަަހައްދުގެ އިތުރުން އައްޑު އަދި ފުވައްމުލައް ވެސް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ވަގުތު އިތުރު ކޮށްފައެވެ. އަދި އިރުއޮއްސި 6 އިން ހެނދުނުގެ 6 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ.