މި މަހުގެ މިހާތަނަށް 55،641 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް މިމަހުގެ ތެރޭގައި 55،641 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 89،660 ފަތުރުވެރިންނެވެ. މިއީ 37.9 ޕަސަންޓް ދަށް އަދަދެކެވެ.

ނިޔަލަށް 147،744 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 263،007 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 43.8 ފަސަންޓް ދަށް އަދަދެކެވެ.

ތަފާސު ހިސާބުތައް ދައްކާ ގޮތުން މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 32،970 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 32،019 ފަތުރުވެރިންނެވެ. އަދި 10،178 ފަތުރުވެރިންނާއެކު ޔޫކްރެއިން ވަނީ ލިސްޓުގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.

މި އަހަރު ފެށުނު ފަހުން ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 145 ރިސޯޓަކާއި 362 ގެސްޓް ހައުސް އަދި ހޮޓަލެއްގެ އިތުރުން 136 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 3,078 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

2020 ވަނަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. އަދި މި އަހަރުވެސް ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ ކެމްޕޭން ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.