ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ދިނުމާ ގުޅޭ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރު ޓިވެޓް އޮތޯރިޓީ އާއި އެސްޓީއޯއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން 50 ބައިވެރިނަށް ތަމްރީން ދޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެ ހަތަރު ދާއިރާގެތެރޭގައި ހިމެނެނީ، އޮޓޯމޯޓިވް މެއިންޓަނެންސްގެ ދާއިރާއިން 10 ބައިވެރިންނާއި ކޮންޕިއުޓަރު ހާޑްވެޔާ އެންޑް ނެޓްވޯކިންގްގެ ދާއިރާއިން 2 ބައިވެރިންނާއި އިލެކްޓްރިޝަންގެ ދާއިރާއިން 2 ބައިވެރިންގެ އިތުރުން ރީޓެއިލް ސާވިސަސް ގެ ދާއިރާއިން 36 ބައިވެރިންނެވެ.

މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު މިމަހު 25 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މެއިލް ކުރުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.

ފޯމާއެކު ސީވީ އާއި އެޓެސްޓުކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް އަދި އައިޑީ ކާޑު ކޮޕީއެއް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެސްޓީއޯއިން ބުނީ އެޕްރޮގްރާމްގެ މަގްސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހީން ބިނާކޮށް އަދާ ކުރާ ވަޒީފާއަކާއި ގުޅޭ ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ދިވެހީން އިތުރުކުރުން ކަމަށެވެ. އެސްޓީއޯއިން ހިންގާ މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެނިންގް" (މަސައްކަތު މާހައުލުގައިދެވޭ ތަމްރީނު) ޕްރޮގްރާމް އެއްގެގޮތުގައިއެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާއި ގުޅޭގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިތީގެ ނެޝަނަލް ކޮންޕީޓަންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާއި އެއްގޮތަށެވެ.

އެއެޕްރެންޓިސްޝިޕް ޕްރޮގްރާމްއިން ފާސްވާ ބައިވެރިންނަށް ލެވެލް 3 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބޭނެއެވެ.