ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ޖިހާދަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ. ކްރިމިނަލް ކޯޓުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އޭނާ ފިއްލަވާފާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ބުނެއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ މަހު 20 ވަނަ ދުވަހާ ހަމައަށެވެ.

މި މައްސަލަ ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ. އަދި ފަހުން ދައުލަތުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށާއި ހައިކޯޓުގެ ނިންމުމަށް ތާއިދު ކުރާ ކަމަށެވެ.

މިކުމުގައި ބުނެފައިވަނީ ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރު ބާތިލްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޖިހާދު ފިއްލަވައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށާއި ޖިހާދަކީ ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކަށް ވާތީ އޭނާއަށް ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅެވޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ އޭނާ ފިލާފާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ބުނެއެވެ. އަދި ދައުލަތަށް އެފަދަ ހެއްކެއް ނެތް ކަމަށާއި ހަމައެކަނި އޮތީ ޖިހާދު އަމިއްލައަށް ކޯޓަށް ހުށަހެޅުއްވި ޓިކެޓެއް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

އެހުކުމުގައި ވާ ގޮތުން ކޯޓުގައި އޮތް މައްސަލައެއްގައި މީހަކު ފުރުން މަނާކުރަން ޕާސްޕޯޓު ހިފަހައްޓަން ޕީޖީއަށް އަމުރަކަށް އެދެވޭނީ ގާނޫނޫ ތަންފީޒު ކުރާ އިދާރާ މެދުވުރިކޮށް ކަމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި އިސް ފަނޑިޔާރު ހާތިފް ޖިލްމީ އަދި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހީމެވެ.