ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު 6171 މީހަކަށް ކޮވިޑް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 6171 މީހުންނާއެކު މިހާތަނަށް 56،218 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 4310 މީހުން ކަމަށާއި އަތޮޅު ތެރެއިން 1861 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 43،838 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 12،380 ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 66 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. .

މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި މާލޭގައި ދިރިއުޅޭ އުމުރުން 40 އަހަރުން މަތީގެ މީހުންނާއި އުމުރުން 40 އަހަރާއި 18 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލި ބައްޔަށް ބޭސް ކުރާ މީޙުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ.