އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން އިތުރު 7 ދުވަހަށް މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތު އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އަންގާފައިވާ އެންގުން އިތުރު 7 ދުވަހަށް ދިގު ދަންމާލުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އައުޑޫގައި ޖަމާއަތް ނުހެދުމަށް ފުރަތަމަ އެންގީ މިމަހު 9 ވަނަ ދުވަހެވެ. އެގޮތުން އެ ދުވަހުން ފެށިގެން މިއަދުގެ އަސުރު ނަމާދުގެ ނިޔަލަށް ޖަމާއަތް ނުހެދުމަށް އަންގާފައި ވާއިރު، މިއަދުން ފެށިގެން މިމަހު 23 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް ޖަމާއަތް ނުހެދުމަށް މިއަދު ވަނީ އަންގާފައެވެ.
އެ މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ޖުމްލަ 62 މީހަކު ވަނީ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ ހުޅުދޫ އަދި މީދޫން 25 ކޭސް، ހިތަދޫން 20 ކޭސް، ފޭދޫން 13 ކޭސްގެ އިތުރަށް މަރަދޫ ފޭދޫން 4 ކޭހެވެ. މިހާތަނަށް އައްޑުއިން ކޮވިޑްގެ ކޭސްއެއް ނެތް ރަށަކީ މަރަދޫއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އައްޑުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، މިމަހު 9 ވަނަ ދުވަހު ވަނީ އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައެވެ. އޭރު 7 ދުވަހުގެ މުއްދަތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާން ކުރިއިރު، އެ މުއްދަތު ހަމަވެ، އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ވަނީ ދަންމާލާފައެވެ.