ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 10،073 އޮފިޝަލުން ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގައި ބުނެފައިވާ ބެކަޕް ޕްލޭނާ ނުލާވެސް އިންތިހާބަށް ގާތްގަނޑަކަށް 8000 އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެއީ އޮފިޝަލުންގެ ގޮތުގައި ބޭނުންވާ 7195 މީހުންނާއި ރިޒާވަރުންގެ ގޮތުގައި ބޭނުންވާ 735 މީހުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑާއި އަދި އެޗްޕީއޭގެ ގައިޑްލައިންއާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެއަށް 40 ޕަސެންޓު އޮފިޝަލުން އިތުރުކުރަން ޖެހޭ ކަމަށާއި އެއީ 2878 އޮފިޝަލުން ކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބަށް ޖުމްލަ 10،073 އޮފިޝަލުން ބޭނުންވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން ކޮވިޑް19 ގެ ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެ ސިޓީއަށް އިތުރު 68 ވޯޓުލާ މަރުކަޒު އިތުރުކުރަން ޖެހޭ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އަދި ވޯޓުލާ މަރުކަޒުގައި އެޗްޕީއޭގެ ގައިޑްލައިން އަށް އަމަލުކުރަމުން ދޭ ތޯ ބެލުމަށާއި، ކިޔޫ ބެލެހެއްޓުމާއި ސުޕަވައިޒް ކުރަން ވޯޓުލާ ކޮންމެ މަރުކަޒަކަށް އެއް އޮފިޝަލަކު އިތުރު ކުރަން ގައިޑްލައިންގައި ބުނެފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެއް ފޮށި ބަހައްޓާފައި ހުންނަ މަރުކަޒުތަކުގައި ޖުމްލަ ނުވަ އޮފިޝަލުން ހަރަކާތްތެރި ވާއިރު، ދެ ސެޓަޕް ހިމެނޭ މަރުކަޒުތަކުގައި 14 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.