ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން އޭނާއަށް މަޖިލީހުން ފޮނުވި ގަރާރު ކަމުނުދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީ ވުމަށްޓަކައި މަޖިލީހުން ފޮނުވި ނޯޓިސް ލިބިވަޑައިގެން ކަމަށާއި އެ ގަރާރު ކަމުނުދާ ކަމަށެވެ.
އެގޮތުން ގަރާރު ތައްޔާރު ކުރި އެމްޕީ މަޖިލިސްގެ 14 މެންބަރަކަށް ވަނީ އޮޅުވާލައްވާފައި ކަމަށް ވިދާޅުވަމުން މަލީހު ވިދާޅުވީ ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ގަރާރު ބާތިލް ކުރަން ޖެހޭ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު ވިދާޅުވީ ގަރާރުގައި ވަނީ ހަމަނުޖެހޭ ދޮގު ވާހަކައެއް ކަމަށާއި ނަން ވެސް ދިމާ ނުވާކަމަށެވެ. އަދި ގާނޫނީ މައްސަލަ ތަކެއް ވެސް އެބަހުރި ކަމަށް ވަލީހު ވަނީ ފާހަގަ ކުރައްވާފައެވެ.
މަލީހު ވިދާޅުވީ މާދަމާ ނޯޓިސް އަނބުރާ ފޮނުވާލައްވާނެ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރުގެ ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.