ކޮވިޑް އިން ރައްކާތެރި ވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައިވާ މުއްދަތު ކުރިއަށް އޮތް 14 ދުވަހަށް އިތުރު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ، ކޮވިޑުން ރައްކާތެރި ވުމަށް މި މަހުގެ 2 ވަނަ ދުވަހު އަންގާފައިވާ ނަންބަރު 2021/2 އެންގުމުގެ ދަށުން 14 ދުވަހުގެ މުއްދަތަށް އަޅައިފައިވާ ފިޔަވަޅުތައް، މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު މުއްދަތު ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހަށެވެ.

މި މަހުގެ 2 ވަނަ ދުވަހު އެޗްޕީޢޭއިން އަންގާފައި ވަނީ މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ. ހަމައެއާއެކު ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލުމަށް ވަނީ އެ އިއުލާނުގައި އަންގާފައެވެ.

މާލެ ސަރަހައްދުގައި ކާފިއު ވަގުތެެއްގެ ގޮތުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ހަމަޖައްސާފައި އޮތް އިރު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ވަގުތަކީ އިރުއޮއްސި 6 އިން ހެނދުނު 6 އަށެވެ.