ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުމަކާ ނުލާ 120 ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުން ތަރައްގީކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތުގައި 308 މީހެއް ނަން އަނބުރާ ގެންދިޔަ ކަމަށެވެ.

އެގޮތުން އިންތިހާބަކާ ނުލައި 30 ކައުންސިލް މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 މެންބަރުން އިންތިހާބުވެފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. މިއާއެކު ވޯޓަކާ ނުލައި 120 ކެންޑިޑޭޓަކު އިންތިހާބުވެފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ 21 ގޮނޑި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިވަނީ ކަށަވަރުވެފައެވެ.

ކައުންސިލް އިންތިބުހާގައި 735 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު މާލޭގައި 68 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ