ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި ސްޓޭޓް ޓްރޭޑިންގްއޯގަނައިޒޭޝަން (އެސްޓީއޯ) އިން ތަމްރީނު ދިނުމާ ގުޅޭ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެޕްރޮގްރާމްގެ މަގްސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހީން ބިނާކޮށް އަދާ ކުރާ ވަޒީފާއަކާއި ގުޅޭ ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ދިވެހީން އިތުރުކުރުން ކަމަށެވެ. އެސްޓީއޯއިން ހިންގާ މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެނިންގް" (މަސައްކަތު މާހައުލުގައިދެވޭ ތަމްރީނު) ޕްރޮގްރާމް އެއްގެގޮތުގައިއެވެ.

އެ ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާއި ގުޅޭގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިތީގެ ނެޝަނަލް ކޮންޕީޓަންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާއި އެއްގޮތަށެވެ.

މިއަހަރު ޓިވެޓް އޮތޯރިޓީ އާއި އެސްޓީއޯއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން 50 ބައިވެރިނަށް ތަމްރީން ދޭނެއެވެ.

އެ ހަތަރު ދާއިރާގެތެރޭގައި ހިމެނެނީ، އޮޓޯމޯޓިވް މެއިންޓަނެންސްގެ ދާއިރާއިން 10 ބައިވެރިންނާއި ކޮންޕިއުޓަރު ހާޑްވެޔާ އެންޑް ނެޓްވޯކިންގްގެ ދާއިރާއިން 2 ބައިވެރިންނާއި އިލެކްޓްރިޝަންގެ ދާއިރާއިން 2 ބައިވެރިންގެ އިތުރުން ރީޓެއިލް ސާވިސަސް ގެ ދާއިރާއިން 36 ބައިވެރިންނެވެ. އެއެޕްރެންޓިސްޝިޕް ޕްރޮގްރާމްއިން ފާސްވާ ބައިވެރިންނަށް ލެވެލް 3 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބޭނެއެވެ.

މި އަހަރުގެ އެ އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު އާސްރާއެވެ. އަދި އެސްޓީއޯގެ ފަރާތުން އެސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ.