އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫއިން ބުނީ އެ ޖަލްސާގައި އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހި ވޯޓު" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 28ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ އިއްޔެގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް އެ މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ އެ ޖަލްސާގައި ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުމަށް އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށައި ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ފޯމެއް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.

މިދިޔަ އަހަރު ހިއްސާއަކަށް ދީފައި ވަނީ 3 ރުފިޔާ 30 ލާރިއެވެ. އެހެން ކަމުން އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ހިއްސާއަކަށް ދީފައިވާ އަދަދުގެ އަށް ލާރީގެ އިތުރު އަދަދެކެވެ.