ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިއީ ނަކަލު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅެނިކޮށް މިއަހަރު ހުއްޓުވި ދެވަނަ މީހާއެވެ.

މި މީހާ އާ ބެހޭ އިތުރު ތަފްސީލު އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވުމަށް މިއަހަރު ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

އިމިގްރޭޝަނުން ދަނީ ދޭތެރެ ދޭތެރެއިން މިފަދަ މީހުން ހުއްޓުވަމުންނެވެ.

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހުއްޓުވާފައި ވާއިރު، މިދިޔަ އަހަރު މިގޮތަށް ރާއްޖެ ވަންނަން މަސައްކަތް ކުރި 8 މީހަކު ވަނީ ހުއްޓުވާފައެވެ. އެގޮތުން ނަކަލު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެ ވާން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ވަނީ، އުމުރުން 21 އަހަރުގެ އަންހެނަކާއި 47 އަހަރުގެ އަންހެނަކު ހިފަހައްޓާފައެވެ. އަދި ހަމަ އެ ދުވަހު ވައްތަރު މީހެއްގެ ރެސިޑެންޓް ކާޑެއް ބޭނުންކޮށް އޮލުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި އުމުރުން 24 އަހަރުގެ އަންހެނަކު ވެސް ވަނީ ހިފަހައްޓައިފައެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އުމުރުން 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި މިދިޔަ ޖުލައި މަހުގެ 27 ގައި 40 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހުއްޓުވާފައެވެ. އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ފޮނުވާލާފައެވެ.