ހއ. ކެލާގައި ފަތުރުވެރިކަން ތަރައްޤީ ކުރަން 14 ބީމެއް ދޫކުރުމަށް ކެލާ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.

ޒޫމް މެދުވެރިކޮށް އޮންލައިން ކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. އަދި ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއެވެ.

މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން

ފަތުރުވެރިކަމަށް ހާއްސަ 14 ބިމެއް ބިޑުކޮށްގެން ކެލާއިން ދޫކުރުމަށް ނިންމާފައި ވާއިރު އެއީ ގެސްޓުހައުސަށް ހާއްސަ 5،000 އަކަފޫޓުގެ 12 ބިމާއި ސިޓީހޮޓަލަށް ހާއްސަ 10،000 އަކަފޫޓުގެ ދެ ބިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ މިއީ ކެލާ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށާއި މިކަމުގެ ސަބަބުން ކެލައަށް އަދި މުޅި އެ ސަރަހައްދަށް އިގްތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން މަންފާ ލިބިގެން ދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެލާ ކައުންސިލުގެ ރައީސް ޣުފްރާން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކެލާގައި ވަޒީފާ އުފެދި، ރަށަށް ބަދަލުވާން ބޭނުންވާ އާއިލާ ތަކަށް ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.