ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވެެކްސިން ޖެހުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ދިވެހި ރެޑް ކުރެސެންޓުން ބުނެފިއެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓާވެގެން ވެކްސިން ޖެހޭނެ ކަމަށެވެ.

ނަމަވެސް ވޯކް ޕާމިޓާއި އަދި އެެހެނިހެން ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހޭނީ ރެޑް ކްރެސެންޓްގެ ބެނެފިޝަރީ ސިސްޓަމްގައި ރަޖިސްޓާވެގެން ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ހިމްޔާ ވިދާޅުވީ ރަޖިސްޓްރީވުމަށް ފަހު ބިދޭސީންނަށް އެޗްޕީއޭގެ އެހީއާއެކު ވެކްސިން ޖަހަން ފެށޭނެ ކަމަށާއި އެފަދަ ބިދޭސީން ރަޖިސްޓާވާން ޖެހޭނީ ރެޑް ކްރެސެންޓްގެ މާލޭ ގޮފީގެ މައިގްރަންޓް ސަޕޯޓު ސެންޓަށް ގުޅައިގެން ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލުމަށް ނިންމާފައިވާއިރު ދުވާލެއްގެ މައްޗަށް 250 މީހުން ރަޖިސްޓާ ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހިމްޔާ ވިދާޅުވިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 38،591 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 31،322 އެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 7170 އެވެ.

މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 48 ސެންޓަރެއްގައި ދަނީ ވެކްސިން ޖަހައި ދެމުންނެވެ.