މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަދަނީ ޖަމްއިއްޔާތަކަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އެހީއަށް އެދި ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަނި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި އަދި ރަށު/އަތޮޅު/ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީނޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް ސްމޯލް ޕްރޮޖެކްޓް ގްރާންޓް ޕްރޮޕޯސަލް ފޯމް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ މާޗު 21، 2021 ވަނަ ދުވަހުގެ 01:00ގެ ނިޔަލަށް ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެވެ.