އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުން ދާ މީހުންނަށް ކެއާ ޕެކޭޖް ފޯރުކޮށް ދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ނާޒުކު ހާލުގައި އުޅޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުންނަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެފައި ވާ ކަމަށެވެ. އަދި އެމީހުންނަށް ކެއާ ޕެކޭޖުތައް ފޮނުވަމުން ދާއިރު، މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށް ޖެންޑާ އިން ބުނެއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުން ދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުން ކަމަށް ޖެންޑާއިން ބުނެއެވެ. އަދި އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ސިއްހީ ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ވެސް ޖެންޑާއިން ބުނެއެވެ.
ކެއާ ޕެކޭޖުގެ ގޮތުގައި ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒާ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ގާތްގަނޑަކަށް 50 ކެއާ ޕެކޭޖަސް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ކެއާ ޕެކޭޖު ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އައްޑޫ ސިޓީގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ކެއާ ޕެކޭޖުތައް ފޯރުކޮށްދެމުން ދާއިރު، ފުވައްމުލައް ސިޓީގައި ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަށް ވެސް ކެއާ ޕެކޭޖު ފޮނުވަން ގަސްތު ކޮށްފައި ވާ ޖެންޑާ މިނިސްޓްރީން ބުނެއެވެ. ޖެންޑާ މިނިސްޓްރީން ކެއާ ޕެކޭޖުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު އައްޑޫ އަދި ފުވައްމުލައް ސިޓީ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މިހާތަނަށް އައި އިރު ފުވައްމުލަކުން 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އައްޑޫން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ.