ގިނީގެ އިރުދެކުނު ނެޒެރެކޯރޭ ސަރަހައްދުން، އެބޯލާ ރޯގާ ޖެހިގެން 4 މީހުން މަރުވެއްޖެއެވެ.
މިއީ ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ގިނީއިން މި ބަލީގައި މަރުގެ ކޭސްތަކެއް ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.
ގިނީގެ ނޭޝަނަލް ހެލްތު ސެކިއުރިޓީ އޭޖެންސީގެ އިސްވެރިޔާ ސަކޯބާ ކެއިޓާ ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެ ބަލި ޖެހުނު ނަރުހެއްވެސް ހިމެނޭ ކަމަށެވެ. މި ބަލީގައި މަރުވި ނަރުސް ވަޅުލާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
ކެއިޓާ ވިދާޅުވީ ނަރުހުގެ ޖަނާޒާގައި ބައިވެރިވި މީހުންގެ ތެރެއިން 8 މީހެއްގެ ހަށިގަޑުން ބަލީގެ އަލާމާތްތައް ފެނުނު ކަމަށެވެ. އެ ގޮތުން، ބޭރަށް ހިނގުމާއި، ހޮޑުލުމާއި ލޭ އައުން ފަދަ އަލާމާތްތައް ހިމެނޭ ކަމަށް ކެއިޓާ ވިދާޅުވިއެވެ. މީގެ ތެރެއިން 3 މީހުން މިހާރު މަރުވެފައި ވާ ކަމަށާ، 4 މީހަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ކެއިޓާ ތަފްސީލު ކޮށްދެއްވިއެވެ.
1 ޕޭޝަންޓް ފިލި ކަމަށާ، ނަމަވެސް އޭނާވެސް ހޯދާ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ކަމަށް ކެއިޓާ ވިދާޅުވިއެވެ.
2013 ވަނަ އަހަރު ގިނީއިން ފުރަތަމަ ފަހަރަށް އެބޯލާ ރޯގާ ފެނުނު ފަހުން 2016 ވަނަ އަހަރުގެ ނިޔަލަށް އެ ރޯގާގެ ބަލިމަޑުކަން ދެމިގެން ދިޔައެވެ. މި ބަލިމަޑުކަމުގައި އެ ސަރަހައްދުން 11300 މީހެއްގެ ފުރާނަ ގެއްލުނުއިރު، އަލަށް ރިޕޯޓްކުރި މަރުގެ ކޭސްތަކާއެކު، ގިނީގެ ސިއްހީ އޮފިޝަލުން އިންތިހާއަށް ކަންބޮޑުވެފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ރެމީ ލަމާ ވަނީ ވިދާޅުވެފައެވެ.
2016 ވަނަ އަހަރަށްފަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ އެބޯލާ ރޯގާ ފެތުރޭ ކޮންމެ ފަހަރަކު ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން އެކަން ބަލަމުންނެވެ. އެގޮތުން، ދާދި ފަހުން ކޮންގޯއިން އެ ރޯގާ ފެނުމުންވެސް އެއީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްގެ ދަރަޖާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެކަން ބަލާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެބޯލާ ރޯގާ ކަމަށް ޝައްކު ކުރެވޭ 2 ކޭހެއްގެ މައުލޫމާތު، އެ އިދާރާއަށް ލިބިފައި ވާ ކަމަށެވެ. އަދި މި ކަން ކަށަވަރު ކުރުމަށް ހަދަން ޖެހޭ ޓެސްޓުތަކުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.
އެބޯލާ ރޯގާގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ލިބުނު އެންމެ ބޮޑު އެހީއަކީ، ފުޅާ ދާއިރާއެއްގައި ހިންގި ވެކްސިން ކެމްޕޭން ކަމަށް ހަބަރު ލިބެއެވެ.