އައްޑޫ ސިޓީގައި މިއަދު ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ދާނީ މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކުރިއަށް ދާނެ ކަމަށެވެ.

އައްޑޫއިން ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައި ވަނީ ހަފްތާއެއްގެ މުއްދަތަކަށެވެ.

އައްޑޫގައި މިވަގުތު ކޮވިޑްގެ ދެ ކްލަސްޓާއެއް އޮތްއިރު، އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 58އަށް އަރައިފައެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.

އިއްޔެގެ އިރުއޮއްސުމާ ހަމައަށް 174 ސާމްޕަލް ނަގާފައި ވާއިރު އެ ސިޓީގެ 182 ތަނެއް ވަނީ ކަރަންޓީނަށް ލާފައެވެ. އަދި މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 341 އަށް އަރެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތަކެއް ފެނުމާއެކު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކާފިއުވެސް އިއުލާން ކޮށްފައެވެ. އެ ސިޓީގައި ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދެވެ.