ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރު ވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ސްކޫލަކުން ދަރިވަރަކު ޕޮޒިޓިވް ވެފައި ނުވާ ކަމަށް މިނިސްޓްރީއޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ މާލެ ސަރަހައްދުގެ އެއްވެސް ސްކޫލަކުން (ސްކޫލް ތެރެއިން) ޕޮޒިޓިވް ވެގެން މިހާތަނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސްކޫލުތަކުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމަށެވެ.

"ލޮކްޑައުނަށްފަހު މާލޭ ސަރަހައްދުގެ ސްކޫލުތަކުގަ ރައްކާތެރިކަމުގެ ގޮތުން ގިން ފިޔަވޅުތަކެއް ސްކޫލުތަކުގަ އެޅި، ފާހަނާ ތަންތަން ވަރައް ސާފްތާހިރުކޮށް ހުރި، މީގެ 10 ވަރަކަށް ދުވަސް ކުރިންވެސް މާލޭގެ ހުރިހާ ސްކޫލުތަކެއްގަ އެޑިއުކޭޝަނުން ވަނީ އިންސްޕެކްޓް ކޮށްފަ، އޭގެ ފާހަގަވި ކަމަކީ ދަރިވަރުންނަށް ކަނޑައެޅިފަ ހުރި ސަލާމަތީ ކަންކަމުގެ ސަބަބުން މިހާތަނަށް ބަލާއިރު، އަޅުގފަނޑުމެންނަށް އެބަ އިންގޭ ސްކޫލެއްގެ ތެރެއިން އެއްވެސް ކުއްޖަކަށް ބަލި ޖެހިފަ ނެތްކަން، އަދި ސްކޫލެއްގެ ތެރޭ މި ބަލި ފެތުރިފަވެސް ނެތްކަން"
އާތިޔާ

އާތިޔާ އެފެދައިން ވިދާޅުވެފައި ވާއިރު ބައެއް ސްކޫލުތަކުން ވާހަކަ ދެއްކި ޓީޗަރުންނާއި ބެލެނިވެރިން ވަނީ ސްކޫލުތަކުން ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނެވެރިންވެސް ކޮވިޑަށް ޕޮޒިޓިވް ވަމުންދާ ކަމަށް ބުނެފައެވެ. ނަމަވެސް މިނިސްޓްރީން އެކަން ދޮގު ކުރެއެވެ.