އިއްޔެ އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދިޔަ މުޒާހަރާއަށް، އެ ޕާޓީން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް، އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީ ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޝަރީފު ވަނީ އިއްޔެ ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން ނަގާފައިވާ ކުޑަ ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ. ޝަރީފު ވިދާޅުވީ، އެ ވީޑިއޯ އިން ފެންނަ މަންޒަރުތަކަށް، އެކަން އިންތިޒާމު ކުރި ޕާޓީ އަކުން ޖަވާބު ދާރީ ވާން ޖެހޭނެ ކަމަށެވެ.

އިއްޔެ އިދިކޮޅުން މުޒާހަރާ ކޮށްފައި ވަނީ "މަގޭ ފްލެޓް ކޮބާ؟" މިި ޝިއާރުގެ ދަށުންނެވެ. އަދި މުޒާހަރާގެ ތެރެއިން ބައިވެރިން ވަނީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި، އިންސާފު ގާއިމް ކުރުމަށް ވެސް ގޮވާލާފައެވެ. އެ މުޒާހަރާގެ ތެރެއިން ބައިވެރިންނާއި، ފުލުހުންނާ ކުރިމަތިލުމެއް ހިނގާ 4 ބައިވެރިންނަށް އަދި 2 ފުލުހުންނަށް ވަނީ އަނިޔާ ވެފައެވެ. މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުން ކޮށްފައި ވާއިރު، އެ މުޒާހަރާގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އިދިކޮޅުން މުޒާހަރާ ކޮށްފައި ވަނީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އަންގަމުން ދަނިކޮށެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައެވެ. އަދި 10 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ ބޭރަށް ނިކުމެ ނޫޅުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.