ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގެއިން ބޭރަށް ނުކުމެ އާންމު ތަންތަނުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން ބުނީ، މާދަމާއިން ފެށިގެން ވަކިގޮތެއް އަންގަންދެން މާލެ ސަރަހައްދު (މާލެ އާއި، ހުޅުމާލެ އާއި، ވިލިމާލެ އާއި، ގުޅީފަޅާއި، ތިލަފުއްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.
މިގޮތަށް އަންގާފައި އޮތް ނަމަވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ހާއްސަ ހާލަތް ތަކުގައި އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ހަމައެއާއެކު އެޗްޕީއޭއިން އަންގާފައިވާ އެންގުން ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު މާލެ ސަރަހައްދުގައި ވަނީ ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅެއް ވެސް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު މިއަދު ވަނީ އިތުރުކޮށްފައެވެ. މިއަދުން ފެށިގެން ހަވީރު 6 އިން ފެށިގެން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައި ވާއިރު، މާލެ ސަރަހައްދުގައި ކާފިއު ވަގުތެއްގެ ގޮތުގައި އެޗްޕީއޭއިން އަންގާފައި ވަނީ ރޭގަނޑު 11 އިން ފަތިހު 4:30 އަށެވެ.
މި ދިޔަ ޖެނުރައީ މަހުގެ ފަހު ކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްގެ އަދަދުތައް ވަނީ ދުވާލަކު 100 އިން މައްޗަށް ރިޕޯޓް ކޮށްފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު ވެސް 17000 އިން މައްޗަށް ގޮސްފައެވެެ.
މަނަލޭ؟ކިހިނެއް؟ތިނޫޙަށް ޗެލެންޖެއް! މާސްކުނާޅާ އުޅުންމަނާދޯ؟ އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމަތީ ބަޔަކު މަސައްކަތް ކުރޭ މިހާރުވެސް މާސްކު ދަތްދޮޅީ ދޮށުގަ އަޅުވަގެން. އިންޖިނޭރުވެސް ސުޕަވައިޒަރުވެސް. ގަލޮޅު ޕޮލިހަށް ވެދެ ނިކުމެވާ ފުލުހުންނަށް ފެނެޔޭ ބުނަން ނުކެރޭނެ. އެކަމަކުވާދޯ؟ ކޮބާ މަނާކަމަކީ؟ ޗެލެންޖަކީ މީ ތެދެއްތޯ ދޮގެއްތޯ ތިނޫހުން ބެލުން.