ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު 1902 މީހަކަށް ކޮވިޑް ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 1902 މީހުންނާއެކު މިހާތަނަށް 27،367 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 1496 މީހުން ކަމަށާއި އަތޮޅު ތެރެއިން 406 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 22،456 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 4911 ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 87 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. .

މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި މާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނާއި އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ.