އައްޑޫ ސިޓީން މިއަދު އެކަކު ޕޮޒިޓިވް ވެ ޖުމްލަ ކޭސްގެ އަދަދު 53 އަށް އަރައިފިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ވަނީ އެ ސިޓީން އެކަކު ޕޮޒިޓިވް ވެފައެވެ. ޖުމްލަ ކޭސްގެ އަދަދު 53 އަށް އަރާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވަނީ 341 މީހަކު ދެނެގަނެވިފައި ކަމަށާއި 172 އިމާރާތް ކަރަންޓީން ކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ.
މިހާރު ހުރި ކޭސްތަކުގެ އިތުރު ތަފްސީލް ހާމަ ކުރަމުން އެ ސެންޓަރުން ބުނީ، ހިތަދޫން ފެނުނު ކޭސްގެ އަދަދު ވަނީ 17 އަށް އަރާފައި ކަމަށެވެ. ފޭދޫން 7 ކޭސް ފެނިފައި ވާއިރު ހުޅުމީދޫން 25 ކޭސް އަދި މަރަދޫ ފޭދޫން 4 ކޭސް ފެނިފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި މިހާތަނަަށް އައި އިރު މަރަދޫން އެންމެ ކޮވިޑް ކޭސްއެއްވެސް ފެނިފައެއް ނުވެއެވެ.
ކޮވިޑް ބައްޔަށް ޕޮޒިޓިވް ވި 53 މީހަކު ފެނިފައިވާ އިރު އެއީ މިހާރު ތިބި އެކްޓިވް ކޭސްގެ އަދަދު ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަަމަށް އެ ސެންޓަރުން ބުނެއެވެ.
އައްޑޫން މިއަދު އެއް ކޭސް ފެނިފައިވާ އިރު އިއްޔެ އެ ސިޓީން 6 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އައްޑޫ ސިޓީން ކޮވިޑް ކޭސްތަކެއް ފެނުމާއެކު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކާފިއުވެސް އިއުލާން ކޮށްފައެވެ. އެ ސިޓީގައި ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދެވެ.