ސައުދީ އަރަބިއްޔާގައި ނަމާދަށް ދާ މީހުންގެ ތެރޭގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުން ދާ ކަމަށް ބުނެ އިތުރު 10 މިސްކިތެއް ބަންދު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބަންދު ކުރި 10 މިސްކިތާއެކު، ފާއިތުވީ 3 ދުވަހުގެ ތެރޭގައި ސައުދީއިން (ވަގުތީ ގޮތުން) ބަންދު ކުރި މިސްކިތްތަކުގެ އަދަދު ވަނީ 32 އަށް އަރާފައެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ބުނީ، އެ ގައުމުގެ އެކި ހިސާބުތަކުން އެންމެ ފަހުން ބަންދު ކުރި 10 މިސްކިތަކީ، ނާމަދަށް ދިޔަ 15 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ބަންދު ކުރި މިސްކިތްތަކެއް ކަމަށެވެ. މީގެ އިތުރުން، ވާދީ އަލް ދަވާސީރު ގަވަނަރޭޓްގެ މިސްކިތެއްގައި ބަންގި ދޭ މީހަކުވެސް ކޮވިޑް-19 ޖެހިގެން މަރުވެފައި ވާ ކަން، ސައުދީގެ އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ބަންދު ކުރި މިސްކިތްތައް ހިމެނެނީ މައްކާ އާއި މަދީނާގެ އިތުރުން އަރާރް، ޖަޒާން، އަލް އިހުސާ އަދި އައްސީރުގައި ކަމަށް ހަބަރު ލިބެއެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީއިން ވަނީ، ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، އެމީހަކު މިސްކިތަށް ނުދިއުމަށް އިލްތިމާސް ކުރަމުންނެވެ. އަދި އެ މީހަކަށް ޖެހިފައި ވަނީ ކޮވިޑް-19 ކަން ނުވަތަ ނޫން ކަން ކަށަވަރު ކުރުމަށް ޓެސްޓު ހެދުމަށްވެސް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

އަދި މާސްކު ބޭނުން ކުރުމަށާ، އަމިއްލަ މުސައްލަ ބޭނުން ކުރުމަށާ، ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށްވެސް އެ ވުޒާރާއިން ދަނީ ހަނދާން ކޮށްދެމުންނެވެ.

ބަންދު ކުރި މިސްކިތްތަކުގެ ތެރެއިން 13 މިސްކިތެއް ސެނިޓައިޒް ކުރުމަށްފަހު މި ހާރު ހުޅުވާފައި ވާ ކަމަށް ސައުދީގެ އިސްލާމިކް މިނިސްޓްރީއިން ހަބަރު ދެއެވެ.

ކޭސް އިތުރު ވާނަމަ، މިސްކިތްތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު، ސައުދީގެ އިސްލާމިކް މިނިސްޓަރު، ޢަބްދުއްލަޠީފު ބިން ޢަބްދުލްޢަޒީޒު ދެއްވީ މިދިޔަ ހަފުތާގައެވެ.

ސައުދީއިން ދަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިލްސިލާ ގޮތެއްގައި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ހާލަތަށް ރިއާޔަތްކޮށް، ދޭތެރެ ދޭތެރެއިން މި ފިޔަވަޅިތައް އިންތިހާއަށް ވަރުގަދަ ވެސް ކުރެއެވެ.