ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކްޕާމިޓް ދޫކުރުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 31 ގައި ގެޒެޓް ކޮށްފައިވާ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ 15 ވަނަ މާއްދާ ބުނާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ މުއްދަތުގައި ރާއްޖޭގައި ހުރުމުގެ ހުއްދަ "ވޯކް ޕާމިޓް" އަންނަ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.

މި ތާރީހުން ފެށިގެން ރާއްޖޭގައި ވަޒީފާއަދާ ކުރުމަށް އަލަށް ގެންނަ ބިދޭސީންނާއި މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް ގެނެސްފައިވާ ބިދޭސީންނަށް ވޯކް ޕާމިޓް ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ވޯކް ޕާމިޓް ދޫކުރެވޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކަމަށާއި ވޯކް ޕާމިޓް ފީ (މަހަކަށް 350 ރުފިޔާ) ބަލައިގަނެވޭނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. އަދި ވޯކް ޕާމިޓް ކާޑު މިނިސްޓްރީގެ ކައުންޓަރުތަކުން އެޕޮއިންޓްމަންޓް ހަދައިގެން ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މިހާރު ދޫކުރަމުންދާ "އެމްޕްލޯއިންމަންޓް އެޕްރޫވަލް" ދޫކުރުން ހުއްޓާލާނެ ކަމަށާއި ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަށް ރާއްޖެ ވަނުމުގެ ހުއްދައެއްގެ ގޮތުގައި 'ވޯކް ޕާމިޓް އެންޓްރީ ޕާސް" ދޫކުރާނެ ކަމަށެވެ.

މިބަދަލު ގެނައި ނަމަވެސް އާދިއްތަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން 90 ދުވަސަ ހަމަވެފައި ނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީންނަށް، ރާއްޖެ އެތެރެ ވެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.