ޏ. ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ މިއަދުގެ އަސްރު ނަމާދުން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފުވައްމުލަކުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މެދުކަނޑާލުމަށް އަންގާ ކަމަށެވެ.

އެއީ އެރަށުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީއެވެ. މިހާތަނަށް ފުވައްމުލަކުން 11 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެ މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލަން އަންގާފައިވާއިރު، އައްޑޫ ސިޓީ އިން ވެސް ކޮވިޑް ފެނުމާއި ގުޅިގެން އެ ސިޓީގެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އައްޑޫ ސިޓީގައި މިހާތަނަށް ޖުމްލަ 49 މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ސީޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.