ތާޑް ޕާޓީ ވެބްސައިޓުތައް ބޭނުން ކޮށްގެން ފައިސާ ދައްކަމުން އަންނަކަން ފާހަގަ ކުރެވޭތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާޑް ޕާޓީ ވެބްސައިޓް ބޭނުން ކުރަމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަނެޓް ބޭންކިން ޕްލެޓްފޯމް ބޭނުންކުރުމަށް މަސައްކަތްކޮށް ތާޑް ޕާޓީ ޓްރާންސްފާ ކޮންފާމް ކުރާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މިފަދަ ވެބްސައިޓުތަކުން ފުރަތަމަ ކަސްޓަމަރުންގެ ނަމާއި ފޯނު ނަންބަރާއި އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށް ދޭން އެދޭ ކަމަށާއި، އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫސާ ނަމާއި ޕާސްވޯޑް ޖެހުމަށް އެދޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ..

އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ. އަދި ޕޭމަންޓް ކޮންފަމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ.
ބީއެމްއެލް

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީން ކުރެވޭނެ ކަމަށާއި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއް ކަން ކަމަށެވެ.

އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ނަމަވެސް ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުން ކަމަށެވެ.

ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓާ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން ބީއެމްއެލުން ވަނީ ދީފައެވެ.