އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އަތުލައިގެންފައިވާ ތެލުގެ ސަޕްލައިން، މިދިޔަ އަހަރު އެކަނިވެސް މިލިއަނަކަށް ވުރެ ގިނަ ފީފާގެ ތެޔޮ ވިއްކާފައި ވާ ކަމަށް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ކަން މިހެން އޮތްއިރު، އީރާނުގެ ތެޔޮ ބަރުކޮށްފައި ވަނިކޮށް ކަނޑުމަތިން އަތުލައިގަތް އިތުރު ބޯޓެއް، އެމެރިކާގެ ޕޯޓަކަށް މިހާރުވެސް ދަތުރު ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.
އީރާނުން އުފައްދާ ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ބޯޓު ފަހަރު ހިފަހައްޓާ، އެ ސަޕްލައި ކޮންޓްރޯލް ކުރުމަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ތަންފީޒު ކުރާ، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ބައެކެވެ. މި ފިޔަވަޅުތަކަކީ އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެން އެމެރިކާއިން ތަންފީޒު ކުރާ ފިޔަވަޅުތަކެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުގެ ބައެއް ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެކެވެ. ނަމަވެސް އީރާނުން ދަނީ އެމެރިކާގެ ތުހުމަތުތަކަށް ތަކުރާރު ކޮށް އިންކާރު ކުރަމުންނެވެ.
އާ އުކުޅެއް ބޭނުން ކުރައްވައިގެން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތަންފީޒު ކުރެއްވި އިޖުރާއަތުތަކުގެ ތެރެއިން، އީރާނުގެ 1.2 މިލިއަން ފީފާގެ ތެޔޮ، އެމެރިކާއިން ވަނީ ބޭނުން ކޮށްފައެވެ. މި ޝިޕްމަންޓުތަކަކީ، 4 ޓޭންކަރެއް މެދުވެރިކޮށް، އީރާނުން ވެނެޒުއޭލާއަށް އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރި ޝިޕްމަންޓުތަކަކެވެ.
މި ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ހަރަދު ކުރަން ހަމަޖެހިފައި އޮތީ، ޓެރަރިޒަމްގެ ޝިކާރައަކަށް ވާ މީހުންގެ ފަންޑަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ތަރުޖަމާނު މާކް ރައިމޮންޑީ ވިދާޅުވީ، ކާގޯ އެއްކޮށް ހުސްކޮށްލެވުނީ މި ހަފުތާގައި ކަމަށާ، މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ހިސާބުކިތާބުގެ މަސައްކަތްތައް ކަމަށެވެ.
ޓެރަރިޒަމްގެ ޝިކާރައަކަށް ވާ މީހުންނާ ބެހޭ ފަންޑަށް މި ފައިސާ ޖަމާ ކުރުމަށް ކޯޓު އަމުރެއް ބޭނުން ވާނެ ކަމަށް ރައިމޮންޑީ ވަނީ ވިދާޅުވެފައެވެ.
ކަން މިހެން އޮތްއިރު، އީރާނުގެ ތެޔޮ ބަރުކޮށްފައިވާ އިތުރު ޓޭންކަރަކަށް އެމެރިކާއިން ހުރަސް އެޅި ހަބަރު ވަނީ ފެންމަތިވެފައެވެ. ނަމަވެސް، މިކަމާ ބެހޭ ގޮތުން އީރާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓްރަމްޕްގެ ސަރުކާރުގައި އީރާނާއި އެމެރިކާގެ ގުޅުން އިންތިހާއަށް ހީނަރުވިއެވެ. އާ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައިވެސް މިކަން ހެޔޮ ފާލަކަށް އެޅިދާނެ ކަމުގެ ސިގުނަލެއް އަދި ނުލިބެއެވެ.