ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އަވަށްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރު ވަޅުލުމުގެ މަސައްކަތް ފަށާނެ ކަން، އެ ގައުމުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ރާޖަޕަކްސަ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ވަޅުލުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

ބޮޑުވަޒީރު ރާޖަޕަކްސަ މިމޭރުމުން ވާހަކަފުޅުދެއްކެވީ، ކޮވިޑް ޖައްސާ ވައިރަހަކީ ފެނުގެ ތެރެއިން ފެތުރޭ ވައިރަހެއް ނޫން ކަމަށް ސްރީލަންކާގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޕްރައިމަރީ ހެލްތު ކެއާ، އެޕިޑަމިކްސް އެންޑް ކޮވިޑް ޑިޒީޒް ކޮންޓްރޯލް، ޑރ ސުދާރްޝިނީ ފެނާންޑޯޕޫއްލޭ، އިއްޔެގެ ވަގުތެއްގައި ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން، އިދިކޮޅު މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ކޮވިޑް ޖައްސާ ވައިރަހަކީ ފެނުގެ ތެރެއިން ފެތުރޭ ވައިރަހެއް ނޫން ކަމަށް ޑރ ފެނާންޑޯޕޫއްލޭ ވިދާޅުވުމާއެކު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރު އެސް އެމް މަރިއްކާރު ވަނީ، ކަން މިހެން އޮތްއިރު، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު ވަޅުލަން ހުއްދަ ނުދީ އޮތީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު ނައްތާލަމުން އައި އަންދައިގެން ކަމަށް ވާއިރު، މިއީ ސްރީލަންކާގެ އާބާދީގައި ބައިމަދު މުސްލިމުންނާއި ބައެއް ޣައިރު މުސްލިމުންގެ ދީނާ ފުށު އަރާ ކަމެކެވެ. ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު އަންދައިގެން ނައްތާލަމުން ދާ ދިއުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ވަނީ އަޑު އުފުލާފައެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ލަންކާ ސަރުކާރުން އޮތީ ދިވެހި ރާއްޖޭގެ އެހީތެރިކަމަށްވެސް އެދިފައެވެ.