އުރީދޫ މޯލްޑިވްސްގެ އިންޓަނެޓް ސޭފްޓީ ކެމްޕޭންގެ ދަށުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫއަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް ސައެންސް އެންޑް ޓެކްނޮލޮޖީ އާ ޕާޓްނާ ވެއްޖެއެވެ

އުރީދޫން ބުނީ، އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫން ކުރިއަށް ގެންދާ އިންޓަނެޓް ސޭފްޓީ ކެމްޕޭން އިތުރަށް ފުޅާ ކުރުމުގެ ގޮތުން މިއަދު ވަނީ އެ ކުންފުނި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައެންސް އެންޑް ޓެކްނޮލޮޖީ އާ ގުޅިފައި ކަމަށެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވި، އުމުރުން ދުވަސްވީ މިހުންނަށާއި، މައިންބަފައިން އަދި ސްކޫލް ކުދިންނަށް ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުން ކުރާނެ ގޮތުގެ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުން ކުރުމަށް އުރީދޫން ކުރިއަށް ގެންދާ މި ކެމްޕޭންގެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ، މުޖުތަމައުތަކަށް އިންޓަނެޓްގެ ރައްކާތެރިކަން ހޯދާ ދިނުމަކީ އުއްމީދެއް ކަމަށް މަލީހް ވިދާލުވިއެވެ.

"އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާއި ތަރައްގީއަށް މަގުފަހި ކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދޭ. ހުރިހާ ބާވަތެއްގެ މައުލޫމާތާއި، ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓްވީ އިރު، ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުން ނުކުރެވިއްޖެ ނަމަ މެލްވެއާ، ސްޕޭމް، ފިޝިންގް، ސައިބާ ބުލީން، ބްލެކްމެއިލް ފަދަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށްވެގެން ދިއުމަކީވެސް އެކަށީގެންވާކަމެއް."
މުހައްމަދު މަލީހު ޖަމާލް

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު، ދިވެހިންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ވެސް މުޅިންހެން މިކުރަނީ އިންޓަނެޓް މެދުވެރިކޮށް ކަމަށާއި ހުރިހާ ބާވަތެއްގެ މައުލޫމާތެއް އިންޓަނެޓް މެދުވެރިކޮށް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަން، ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުން ކުރުމުގައި ދަމަހައްޓަން ޖެހޭ މިންގަނޑުތަކާ ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް އުރީދުން ބުނެއެވެ. ދަރިވަރުން، މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް ވެސް އުރީދޫން ބުނެއެވެ.

"ނުރަނގަޅު އެތައް ކަމަކަށް ވެސް އިންޓަނެޓް މަގުފަހިކޮށްދޭ. އެގޮތުން އޮންލައިން ގްރޫމިން، ސައިބާ ބުލީއިންގެ އިތުރުން އަބުރާއި މުދަލަށް ގެއްލުންލިބޭ ފަދަ ކަންކަން ހިންގުމުގައި އިންޓަނެޓް ބޭނުންކުރާ މީހުން އުޅޭ. އެހެން ކަމުން މިފަދަ ކަންކަން ހުއްޓުވުމަށާއި، މުޖުތަމައު މިފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކުރަންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގައި އުރީދޫއިން ކުރިއަށްގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕޭންގައި މިނިސްޓްރީއޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިވަޑައިގަތުމީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް."
ނަޖީބް ހާން

ޓެކްނޮލޮޖީ މެދުވެރިކޮށް އައު ހިދުމަތްތައް ތައާރަފްވަމުން އަންނަ މި ޑިޖިޓަލް ޒަމާނުގައި، އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުންނެވެ. މިދިޔަ އަހަރުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ގްލޯބަލް ޕެންޑެމިކް އާއި ގުޅިގެން ގައިދުރުކަން ދަމަހައްޓަން ޖެހިފައިވުމާ އެކު އާންމު ދިރިއުޅުމުގެ ކަންކަން ބަދަލުވެ އިންޓަނެޓް ބޭނުންކުރާ ވަރު ވަނީ ކުރިއަށް ވުރެ އެތައް ގުނައަކަށް އިތުރުވެފައެވެ

މިހާރު ކިޔެވުމާއި، މަސައްކަތް ކުރުމަށާއި، ހިދުމަތްތައް ހޯދުމަށާއި މުނިފޫހިފިލުވުމަށް އަދި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ދެމެހެއްޓުމަށް ވެސް އިންޓަނެޓަށް ވަނީ ބަރޯސާވާން ޖެހިފައެވެ. އެހެންކަމުން އިންޓަނެޓްގެ ހިދުމަތް ފަސޭހަކަމާ އެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ ގިނަގުނަ މަސައްކަތާއެކު، އިންޓަނެޓް ރައްކާތެރިކަމާއި ޒިންމާދާރުކަމާ އެކު ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ވަނީ ފަށާފައެވެ.