ކޮވިޑް ކޭސްތަކެއް ފެނި މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަަތށް ބަދަލުކޮށްފައިވާ އިރު، މިހާރު އެ ސިޓީން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު 49 އަށް އަރާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ، އައްޑޫ ސިޓީން ފެނުނު ކޭސްތަކުގެ ތެރެއިން މިހާރު އޭވިއޭޝަން ކްލަސްޓާއާ ގުޅިގެން 22 ކޭސްއެއް ފެނިފައިވާ ކަަމަށެވެ. ހަމައެއާއެކު 26 ކޭސް އެއް ހުޅުދޫ އާއި މީދޫން އިން ފެނިފައިވާ އިރު ހޯމް ކަރަންޓީންގައި ހުރި އެކަކު ޕޮޒިޓިވް ވެފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓުން ދެނެގަތުމަށް މަސައްކަތް ކުރަމުން ދާ އިރު މިހާރު އޭވިއޭޝަން ކްލަސްޓާއާ ގުޅިގެން 263 ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެވިފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މިހާރު އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް އެ ކައުންސިލުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ، އޭވިއޭޝަން ކްލަސްޓާ އިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށެވެ.

އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ރައްކާތެރި ކަމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށާއި، އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރުމަށާއި، އައްޑޫގައި ގާއިމް ވެފައިވާ އޮފީސްތައް އާންމު ހިދުމަތް ތަކަށް ބަންދުކޮށް، އޮންލައިން ކޮށް ހިދުމަތް ދޭގޮތަށް ވަނީ ހަމަޖއްސާފައެވެ. މީގެ އިތުރުން ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދު ކުރުމަށާއި، ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކޮށް ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށާއި ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތު ތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، ޓެކްސީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީއަށް ކޮވިޑް ފެތުރެން ދިމާވީ އޭވިއޭޝަންގެ މުވައްޒަފުންތަކެއް އެ އަތޮޅަށް ކުރި ދަތުރުގައި ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފައި ވަނީ، އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އަކަށް އެ ކޮމާންޑުގެ ޓްރެއިނިން ޔުނިޓުގެ ދެ މުވައްޒަފުން ގޮސްފައި ވަނީ މިމަހު ދެވަނަ ދުވަހު ކަމަށެވެ. އަދި މުވައްޒަފުން މި ޓްރެއިނިން އަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕީސީއާރް ޓެސްޓް ހައްދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށެވެ.

މި މައްސަލަ ފެންމަތިވުމާ އެކު އިދިކޮޅު ސިޔާސީ މެންބަރެއް ކަމަށްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ކޮވިޑް ކޭސް ނެތް ރަށްރަށަށް ބަލި ފެތުރެން ދިމާވި ގޮތް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. އާދަމް ޝަރީފް ވަނީ ސަރުކާރުގެ ފަރާތުން ޖެންޑާ އަދި އޭވިއޭޝަންގެ މުވައްޒަފުންތަކެއް ކޮވިޑް ނެތް ރަށްރަށަށް ކުރި ދަތުރުތަކަކަށް ފަހު ކޭސްތައް އެރަށްރަށުން ފެންނަން ފެށި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އައްޑޫގެ އިތުރުން ގދ ތިނަދޫ މީގެ ހަފްތާއެއް ކުރިން މޮނިޓަރިންއަށް ލާފައި ވަނީ އެރަށަށް ދަތުރު ކުރި ޖެންޑާ މިނިސްޓްރީގެ މުވައްޒަފެއް އެރަށުން އެނބުރި މާލެއަށް އައި ފަހުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް އެއަށް ފަހު އެރަށް މޮނިޓަރިން ހާލަތުން ނަގާފައި ވަނިކޮށް އަނެއްކާވެސް މީގެ ދެ ދުވަސް ކުރިން އެ ރަށް މޮނިޓަރިންއަށް ބަދަލުކޮށްފައި ވަނީ އައްޑޫ ހިތަދޫން ޕޮޒިޓިވްވި ކޭސްއަކާ ގުޅޭ ކޮންޓެކްޓެއް އެރަށުން ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.