އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވާތީއާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާތީ، އެ ސިޓީގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އަންގާ ކަމަށެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް އައްޑޫގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ދަނޑިވަޅުގައި މިނިސްޓްގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވަން
އިސްލާމިކް މިނިސްޓްރީ

އެ މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

އައްޑޫ ސިޓީގައި މިހާތަނަށް 40 މީހުން ޕޮޒިޓިވްވެފައިވާއިރު، މުޅި ސީޓީ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.