ކޮވިޑުން ރައްކާތެރިވުމުުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާތީ ހަފްތާއެއް ތެރޭ 2810 މީހުން ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހުން ފެށިގެން މިމަހު 8 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2810 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1551 މީހުން ޖޫރިމަނާ ކޮށްފައި ވަނީ މާސްކު ނާޅާ ބޭރުތެރޭގައި އުޅުމުން ކަމަށް ފުލުހުން ބުނެއެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 988 މީހުން ޖޫރިމަނާ ކޮށްފައި ވާއިރު، ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 271 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ބޭރުތެރޭގައި އުޅުމުގައި މާސްކު ނާޅައިގެން އެންމެ ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައި ވަނީ މިމަހު 5 ވަނަ ދުވަހެވެ. އެގޮތުން އެދުވަހު ވަނީ 258 މީހަކު ޖޫރިމަނާ ކޮށްފައެވެ. މާސްކު ޖޫރިމަނާ ބަލާފައި ވަނީ އިރުއޮއްސި 6:01 އިން އަނެއް ދުވަހު އިރުއޮއްސި 6:00 އަށެވެ. އެގޮތުން:
- 31 ޖެނުއަރީ - 1 ފެބްރުއަރީ: 81 މީހުން
- 1 ފެބްރުއަރީ - 2 ފެބްރުއަރީ: 154 މީހުން
- 2 ފެބްރުއަރީ - 3 ފެބްރުއަރީ: 146 މީހުން
- 3 ފެބްރުއަރީ - 4 ފެބްރުއަރީ: 258 މީހުން
- 4 ފެބްރުއަރީ - 5 ފެބްރުއަރީ: 284 މީހުން
- 5 ފެބްރުއަރީ - 6 ފެބްރުއަރީ: 223 މީހުން
- 6 ފެބްރުއަރީ - 7 ފެބްރުއަރީ: 193 މީހުން
- 7 ފެބްރުއަރީ - 8 ފެބްރުއަރީ: 212 މީހުން މިއެވެ.
ކާފިއު ގަޑީގައި ބޭރުގައި އުޅެގެން އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހެވެ. އެއީ 176 މީހުންނެނެވެ. ކާފިއު ޖޫރިމަނާ ބަލާފައި ވަނީ ރޭގަނޑު 11:00 އިން ފަތިހު 4:00 އާ ދެމެދު އެވެ. އެގޮތުން:
- 31 ޖެނުއަރީ - 1 ފެބްރުއަރީ: 50 މީހުން
- 1 ފެބްރުއަރީ - 2 ފެބްރުއަރީ: 140 މީހުން
- 2 ފެބްރުއަރީ - 3 ފެބްރުއަރީ: 50 މީހުން
- 3 ފެބްރުއަރީ - 4 ފެބްރުއަރީ: 139 މީހުން
- 4 ފެބްރުއަރީ - 5 ފެބްރުއަރީ: 175 މީހުން
- 5 ފެބްރުއަރީ - 6 ފެބްރުއަރީ: 176 މީހުން
- 6 ފެބްރުއަރީ - 7 ފެބްރުއަރީ: 133 މީހުން
- 7 ފެބްރުއަރީ - 8 ފެބްރުއަރީ: 125 މީހުން މިއެވެ.
ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހެވެ. އެއީ 66 މީހުންނެނެވެ. މި ޖޫރިމަނާ ބަލާފައި ވަނީ ރޭގަނޑު 8:30 އިން ފަތިހު 4:00 އާ ދެމެދު އެވެ. އެގޮތުން:
- 31 ޖެނުއަރީ - 1 ފެބްރުއަރީ: 4 މީހުން
- 1 ފެބްރުއަރީ - 2 ފެބްރުއަރީ: 18 މީހުން
- 2 ފެބްރުއަރީ - 3 ފެބްރުއަރީ: 9 މީހުން
- 3 ފެބްރުއަރީ - 4 ފެބްރުއަރީ: 28 މީހުން
- 4 ފެބްރުއަރީ - 5 ފެބްރުއަރީ: 52 މީހުން
- 5 ފެބްރުއަރީ - 6 ފެބްރުއަރީ: 66 މީހުން
- 6 ފެބްރުއަރީ - 7 ފެބްރުއަރީ: 60 މީހުން
- 7 ފެބްރުއަރީ - 8 ފެބްރުއަރީ: 34 މީހުން މިއެވެ.
ކުރިން ކާފިއު އިއުލާން ކުރި އިރު އެ ވަގުތުތަކުގައި މަގުމައްޗަށް ނުކުންނަ މީހުންނާއި މާސްކާ ނާޅާ އުޅޭ މީހުންނަށް ފުލުހުން ފުރަތަމަ ނަސޭހަތްތެރި ވެފައި ވެއެވެ. އަދި ޖޫރިމަނާ ކުރަނީ ނަސޭހަތް ދިނުމަށް ފަހު ވެސް އެކަން ތަކުރާރުވާ ނަމައެވެ. ނަމަވެސް މިފަހަރު ނަސޭހަތް ދިނުމެއް ނޯންނާނެ ކަމަށް ފުލުހުން ބުނެއެވެ.
ކާފިއު ވަގުތުގަިއ ބޭރުގައި އުޅުމާއި، ވެހިަކލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުން އަދި މާސްކު ނާޅާ ބޭރުގައި އުޅުމުން ވެސް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެއް ހަފްތާގައި އެކަނި ކުރި ޖޫރިމަނާތަކުން ވެސް ދައުލަތަށް 2.8 މިލިއަން ރުފިޔާ ލިބޭނެއެވެ.