އައްޑޫ ސިޓީ ހިތަދޫގައި އުފެދިފައިވާ ކޮވިޑް ކްލަސޤޓާއިން 19 މީހަކު، އަދި ހުޅުމީދޫގައި އުފެދިފައިވާ ކްލަސްޓާއިން 25 މީހަކު ކޮވިޑް ޕޮޒިޓިވް ވެއްޖެއެވެ.
ހިތަދޫ ކްލަސްޓާއިން 19 މީހުން ޕޮޒިޓިވްވެފައި ވާއިރު، އެ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 100 މީހަކު ވަނީ ފާހަގަ ކޮށްފައެވެ. އައްޑޫ ކްލަސްޓާއާ ގުޅުން ހުރި މީހަކު ގދ. ތިނަދޫން ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ގދ. ތިނަދޫގެ އިތުރުން މުޅި އައްޑޫ ސިޓީ ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށަށް ފުރަބަންދު ކަރަންޓީން ވުމަށް ގޮސް އެމްޓީސީސީ ސައިޓެއްގައި ތިބި ބަޔަކު ޕޮޒިޓިވް ވުމުންނެވެ. ފުރަބަންދު ކަރަންޓީނުން 2 މީހަކު ޕޮޒިޓިވް ވި އިރު، ފުރަތަމަ އެޗްޕީއޭއަށް އަންގާފައި ވަނީ އެ ސައިޓުގައި އިތުރު ކޮންޓެކްޓެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުން 4 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
މިއާއެކު، ހުޅުމީދޫގައި އުފެދިފައިވާ ކްލަސްޓާއިން ވަނީ ޖުމްލަ 25 މީހަކު ޕޮޒިޓިވް ވެފައެވެ. އެއީ ހައްތަހާ ވެސް ބިދޭސީންނެވެ.
ހިތަދޫ އަދި ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައި ވަނީ އެރަށުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 19 މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފައެވެ. މި ދެ މީހުންނަކީ ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް ވައިރު، އެ ކްލަސްޓާއާ ގުޅުން ހުރި މީހެއްގެ ގޮތުގައި ތިނަދޫން ވެސް ފާހަގަ ކުރެވުނީ ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ.
ހިތަދޫ ކްލަސްޓާ އުފެދިގެން އައިސްފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާއްސަ ހުއްދައިގެ ދަށުން އައްޑުއަށް ގޮސް ހިންގި ޓްރެއިނިން އެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދޮގު ކުރެއެވެ. ހަމައެއާއެކު، އެޗްޕީއޭއިން ވެސް މިހާތަނަށް މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.