ކޮވިޑް-19ގެ ވެކްސިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޖައްސަވައިފިއެވެ.

ނައިބު ރައީސް ކޮވިޑް ވެކްސިން ޖެއްސެވި ކަން ޓްވިޓާ މެދުވެރިކޮށް އިއުލާނުކުރެއްވި އިރު ރައީސް އޮފީހުން ވެސް މިހާރު ވަނީ މިކަން ހާމަ ކޮށްފައެވެ.

ނައިބު ރައީސް ވަނީ، ގައުމީ ރޫހެއްގައި އެންމެހާ ރައްޔިތުން ވެކްސިން ޖެހުމުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

އެ ޓްވީޓާއެކު ނައިބު ރައީސް ވަނީ އެމަނިކުފާނު ވެކްސިން ޖައްސަވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ.

ނައިބު ރައީސްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖެހި ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އަދި ސެނެހިޔާ އެވެ. މާލެ ސަރަހައްދުގެ 7 ހޮސްޕިޓަލަކުން ވެކްސިން ޖަހަމުން ދާ އިރު މިހާރު އަތޮޅުތެރޭގެ 14 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް ވެސް ކޮވިޑްގެ ވެކްސިން ޖަހަން ވަނީ ފަށާފައެވެ.