މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހިގެ އެސްއޯއީ ކޮމެޓީ އިން ބަލަން ފަށައިފިއެވެ.
އެކޮމިޓީން ބަލަމުން ދަނީ އެކުންފުނީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައަކާއި މޯލްޑިވް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރުމުގައި އޮތް ކޮރަޕްޝަނުގެ މައްސަލައެކެވެ.
އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރި ފަރާތުގެ ހަރަދުގައި އިކުރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާކަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް ކޮމެޓީ އަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމު މިހާރު ސަސްޕެންޝަނުގައި ހުންނެވި އިރު މޯލްޑިވް ގެސްގެ ބެލެނިވެރި ކުންފުނި އެސްޓީއޯއިން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.
މިއަދުގެ ބައްދަލުވުމުގައި އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ ސަޕްލަޔަރުގެ ހަރަދުގައި ޑީއެމްޑީ ސިންގަޕޫރަށް ދިޔަ މައްސަލަ ބެލުމަށްޓަކައި އެ ދަތުރާ ގުޅޭ ލިޔެކިޔުންތައް ހޯދަން މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯގައި އެދިފައިވާނެ ކަމަށެވެ.