ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫގެ ދަށުން ގާއިމް ކޮށްފައިވާ 7000 ފްލެޓްގެ ދާއިމީ ލިސްޓް އަންނަ ބުރާސްފަތީގެ ކުރިން އިއުލާން ކުރާނެ ކަމަށް ފްލެޓް ކޮމިޓީން ބުނެފިއެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މެންބަރު ތޯހާ އަހުމަދު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ހުރިހާ ކެޓެގަރީއެއްގެ ވެސް ދާއިމީ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށެވެ. މިހާރު އެ ކޮމިޓީން ދާއިމީ ލިސްޓު އިއުލާން ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށް ތޯހާ ވިދާޅުވިއެވެ.

އެ ކޮމިޓީން ބުނީ، ދާއިމީ ލިސްޓު އިއުލާން ކުރުމުގެ ކުރިން، ހުރިހާ ޝަކުވާތަކަކަށް ވެސް ޖަވާބު ދީ ނިންމާނެ ކަމަށެވެ.

ފްލެޓް ކޮމިޓީގެ އޮފީހުގެ ތެރޭގައި ފްލެޓް ފޯމްތައް ތަރުތީބުކޮށް ބަހައްޓާފައި/ ފޮޓޯ: ދަ ޕްރެސް

ހިޔާ މަޝްރޫއާ ފްލެޓްގެ ދާއިމީ ލިސްޓް އިއުލާން ކުރާނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކޮމިޓީން ކުރިން ބުނެފައި އޮތް ނަމަވެސް ފަހުން ދާއިމީ ލިސްޓް އިއުލާން ކުރާނީ ޖެނުއަރީ މަހުގެ ނިޔަލަށް ކަމަށް ބުންޏެވެ. ނަަމަވެސް އެ މަސް ނިމިގެން ދިޔަ އިރުވެސް ދާއިމީ ލިސްޓް އިއުލާން ކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފްލެޓްގެ ހައްގުވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއް ނާންނާނެ ކަމަށް ބުނަމުންނެވެ.

ދާއިމީ ލިސްޓް އިއުލާން ކުރުމަށް މުއްދަތު ކަނޑައެޅި ނަމަވެސް އެ ކަން ދިގު ދެމިގެން ދާ ސަބަބު ހާމަ ކުރަމުން އެ ކޮމިޓީން ބުނީ، 25000 ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ގާތުން ބަލައިގެން އެއްވެސް މީހެއްގެ މޫނަކަށް އަދި ކުލައަކަށް ބެލުމެއް ނެތި ކަަމަށެވެ. ކޮންމެ ފޯމެއް ވެސް މަދުވެގެން 12 ފަހަރު ސްކްރީން ކޮށްފައި ވާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ. 25000 ފޯމް ސްކްރީން ކުރުމުގެ މަސައްކަތް ކުރުމުގައި އެ ކޮމިޓީގައި މަސައްކަތް ކޮށްފައި ވަނީ ޖުމްލަ 15 ސްޓާފުން ކަމަށާއި ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ ވަގުތު އެ ސްޓާފުން މަސައްކަތް ކުރާ ކަަމަށް އެ ކޮމިޓީން ބުނެއެވެ.

ފްލެޓް ކޮމިޓީގެ މުވައްޒަފުން މަސައްކަތް ކުރުމުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

އެގޮތުން އެ ހުރިހާ ފޯމެއް ސްކްރީން ކުރުމާއި ޑޭޓާ އެންޓްރީ ކުރުމުގެ މަސައްކަތް ކޮށް ނިންމަން 6 މަސް ދުވަސް ނެގި ކަމަށް އެ ފަރާތުން ބުނެއެވެ. އެހާ ދިގު މުއްދަތެއް ނަގާފައި ވަނީ ވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އައި މަޑުޖެހުމާ އެކުގައި ކަމަށް އެ ކޮމިޓީން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ޝަކުވާ ހުށަހެޅުމަށް ވަރަށް ބޮޑަށް ވަގުތު ދީފައިވާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ. އެގޮތުން ޖުމްލަ ޝަކުވާއެއްގެ ގޮތުގައި 8320 ޝަކުވާއެއް ހުށަހަޅާފައިވާ އިރު އޭގެތެރޭގައި ބައެއް ޝަކުވާތަކަކީ އެއް ފަރާތަކުން ތަކުރާރުކޮށް ފޮނުވާފައިވާ ޝަކުވާ ކަމަށް އެ ކޮމިޓީން ބުނެއެވެ.

ފްލެޓް ކޮމިޓީގައި ލިޔެކިޔުންތައް ފައިލް ކޮށް ބަހައްޓާފައި / ފޮޓޯ: ދަ ޕްރެސް

ތަކުރާރުކޮށް ފޮނުވާފައިވާ ޝަކުވާތައް އުނިކޮށްލުމުން 5000 އެއް ހާ ޝަކުވާ ލިބިފައިވާ ކަމަށާއި އެއިން ކޮންމެ ޝަކުވާއެއް ވަނީ ވަކިވަކިން ބަލާފައި ކަމަށް އެ ކޮމިޓީން ބުނެއެވެ. ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާނަމަ އެއިން އެންމެ ޝަކުވާއެއް ވެސް ނުކިޔާ އަދި ނުބަލާ ޖަވާބު ނުދީ ނޯންނާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ.