ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލަކުން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައިލޫމާތު ދެމުން އެ ރަށު ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓާ ސާލިމް އަލީ ވިދާޅުވީ އެ ރަށުން ވަކި ތަރުތީބެއްބެތި ނެގި ސާމްޕަލްތަކެއްގެ ތެރެއިން މިއަދު އެކަކު ކޮވިޑް-19 ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަގާފައި ވަނީ ޖުމްލަ 413 ސާމްޕަލް ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ އެންމެ މީހެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށްވެސް އޭނާ މައުލޫމާތު ދެެއެވެ.

އެ ކޭސްއާ ގުޅިގެން އެޗްއީއޯސީއާ ސުވާލު ކުރުމުން ބުނީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް މިހާތަނަށް ނެތް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހާއެކު ތިނަދުއިން މިހާތަނަށް ޖުމްލަ ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މި އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ފަންސާހުން ދަށަށް ދިޔައީ އެންމެ ދުވަހަކުއެވެ. ފުރަތަމަ 20 ދުވަހު ފަންސާހުން މަތީގައި އަދަދުތައް ހުރިއިރު މިދިޔަ 17 ދުވަހުގެ ތެރެއިން އެންމެ ދުވަހެއް ފިޔަވާ ހުރިހާ ދުވަހަކު ކޮވިޑް ކޭސްތައް ހުރީ ސަތޭކައިން މަތީގައެވެ. އަދި އޮތޮޅު ތެރޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ އިތުރު ވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16،783 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،604 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދުވެސް ވަނީ 2117 އަށް އަރާފައެވެ.

ޕޮޒިޓިވްވާ މީހުން އިތުރު ވާއިރު، ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 55 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 55 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.