ތޫނުއެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މަސައްލައިގައި ދައުލަތުގެ ފަރާތުން މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަކާލާތު ކުރެއްވުމަށް ޔާމީންގެ އާއިލާއިން އެދިއްޖެއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ޔާމީންގެ މަރާ ގުޅިގެން ބޭއްވި އަޑުއެހުމަށްފަހު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާއި ޔާމީން ރަޝީދުގެ ހަނދާނުގައި އުފެއްދި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ، އާއިލާއިން ހިތްހަމަނުޖެހޭ ކަންތައްތަކެއް އަޑުއެހުމުގައި ފާހަގަކުރެވިފައި ވާތީ އެކަންކަން ޕްރޮސެކިއުޓާ ޖެނެރަލްއަށް އެދިފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި، ޔާމީންގެ މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން، ޕީޖީ ޝަމީމް ވަކާލާތު ކުރެއްވުން ހިމެނެއެވެ. ރިޟްވާން އަބްދުﷲގެ މައްސަލައިގެ ހުކުމުގައި، ދައުވާ ސާބިތު ކުރުމަށް ދިމާވި އެއް ހުރަހަކީ ދައުލަތުގެ ފަރުވާކުޑަކަންކަން ކަމަށް ބުނެ، ޔާމީންގެ އާއިލާއިން ވަނީ އެކަން ފާހަގަކޮށްފައެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ފުރަތަމަ ފަހަރަށް ވަނީ ޔާމީނަށް ހަމަލާ ދިން ވީޑިއޯ ދައްކާލާފައެވެ. އެ ވީޑިއޯ އަކީ ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ބޭނުންކުރި ވީޑިއޯ އެކެވެ.

ބްލޮގަރު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިންނެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވެއެވެ.

ޔާމީން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން ޔާމީނަށް އަމަލީ ގޮތުން ހަމަލާ ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ހައިޝަމް އަށާއި ޒިހާނަށެވެ. ދެން ތިބި އެންމެނަކީ އޭނާ މަރާލުމަށް އެ މީހުންނާއެކު ގުޅިގެން މަސައްކަތް ކުރި މީހުން ކަމަށް ދައުލަތުން ބުނެއެވެ.