އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން ސްޓެލްކޯއިން ހާސިލް ކޮށްފިއެވެ.

އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސެޓިފައިވުމާއި ގުޅިގެން މެނޭޖިންގް ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ.

އަދި އެ ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިހާރަށްވުރެ ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަންވެސް މުޣުނީ ވަނީ ދެއްވާފައެވެ.

ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް
މުޣުނީ

އައިއެސްއޯ މިންގަނޑުތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ. އައިއެސްއޯ ސްޓެންޑެޑަށް ސެޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ.

ސްޓެލްކޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސެޓިފައި ކޮށްދީފައެވެ.

އެއާއެކު، އެ ކުންފުންޏަށް ވަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސެޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިގެންގޮސްފައެވެ. އެ ސިސްޓަމަށް ސްޓެލްކޯ ސެޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. އެ ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ.

ސްޓެލްކޯއިން އައިއެސްއޯ ސްޓެންޑެޑަށް ސެޓިފައި ކުރެވިފައިވާއިރު، އެ ކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދާފައެވެ.

އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔާގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީއަށްވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސްގެ އެމާޖިންގް ލީޑާ އޮފް ދި އިޔާ އެވޯޑް ލިބިވަޑައިގެންފައެވެ.