އައްޑުއަށް ގޮސް އަމަލު ކުރީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިހެން ބުނީ އައްޑޫ މޮނިޓަރިން އަށް ލާން ޖެހުނީ، އެ ކޮމާންޑުން ހާއްސަ ހުއްދައިގެ ދަށުން އައްޑުއަށް ދިޔަ ބައެއްގެ ފަރާތުން އައްޑޫގެ ރައްޔިތުން ތަކަކަށް ކޮވިޑް-19 ޖެހުމުން ކަމަށް ބުނެ އައްޑޫ ސިޓީގެ މޭޔަރާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ. އެ ކޮމާންޑުގެ މުވައްޒަފުންގެ ފަރާތުން ކޮވިޑް ފެތުރިފައި ވާ ކަމަށް ބުނެ މޭޔަރު ކުރައްވާފައި ވާ ތުހުމަތުތައް އެ ކޮމާންޑުން ވަނީ ސާފު ކޮށްދީފައެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ، އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އަކަށް އެ ކޮމާންޑުގެ ޓްރެއިނިން ޔުނިޓުގެ ދެ މުވައްޒަފުން ގޮސްފައި ވަނީ މިމަހު ދެވަނަ ދުވަހު ކަމަށެވެ. އަދި މުވައްޒަފުން މި ޓްރެއިނިން އަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕީސީއާރް ޓެސްޓް ހައްދާ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށެވެ.
އެ ކޮމާންޑުން ބުނީ އެ ކޮމާންޑުގެ މުވައްޒަފުންގެ ފަރާތުން ކޮވިޑް ފެތުރުނު ކަމަށް ބުނެ ހަބަރު ފަތުރާފައި ވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ގަވައިދުން ޓްރެއިން ކުރަން ޖެހޭ ބައެއް ކަމުން ކޮންމެހެން ކުރަން ޖެހޭ ޓްރެއިނިން ކުރިއަށް ގެންދިއުމުގައި އަމަލު ކޮށްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޒިންމާދާރު ކަމާއެކު ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިހެން ބުނެފައި ވާއިރު، އައްޑޫ ސިޓީ އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ޕޮޒިޓިވް ވެގެން އެ ސިޓީ މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެމީހުން ޕޮޒިޓިވް ކަން އެނގިފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުންނެވެ. އެ މީހުން ޕޮޒިޓިވް ވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި މީހުންގެ ޓެސްޓު ވަނީ ހަދާފައެވެ. އެގޮތުން، އެ ކްލަސްޓާގެ ކޮންޓެކްޓެއް ގޮތުގައި ފާހަގަވި މީހަކު ގދ. ތިނަދޫން ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.