ކޮވިޑް ކޭސްއަކާ ގުޅިގެން ގދ. ތިނަދޫ މޮނިޓަރިން އަށް ބަދަލު ކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ގދ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އެ ރަށުގައި ހުރި މީހަކު އައްޑޫ އިން ޕޮޒިޓިވްވި ކޭސްއަކާ ގުޅިގެން ޕޮޒިޓިވް ވެފައި ވުމުން ކަމަށެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ، އެ ރަށުން ޕޮޒިޓިވް ވި މީހާ ޓެސްޓު ކޮށްފައި ވަނީ އައްޑޫއިން ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓެއްގެ ގޮތުގައި ދެނެގަނެވުމުން ކަމަށެވެ. އިއްޔެ އެރަށުން ރެންޑަމް ސާމްޕަލް ނަގަން ފަށާފަ އިވާއިރު 250 ސާމްޕަލް އިއްޔެގެ ނިޔަލަށް ނަގާފައި ވާ ކަަމަށް އަމްޖަދު ވިދާޅުވިއެވެ.
ތިނަދޫން ޕޮޒިޓިވްވި މީހާ އަކީ މެދު އުމުރުގެ މީހެއް ކަމަށާއި އޭނާ އަކީ ދާއިމީ އެއްވެސް ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނޫން ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މީގެ 4 ދުވަސް ކުރިން ވެސް ތިނަދޫ ވަނީ މޮނިޓަރިއަށް ލާފައެވެ. އެއީ ޖެންޑާ މިނިސްޓްރީގެ ބަޔަކު އެރަށަށް ދިއުމަށް ފަހު މާލެއައިސް ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވުމުން ކަމަށް އަމްޖަދު ވިދާޅުވިއެވެ. އެ ކޭސްއާ ގުޅިގެން އެރަށް މޮނިޓަރިންގައި ބޭއްވުމަށް ފަހު އާންމު ހާލަަތަށް ބަދަލުވި ފަހުން އަނެއްކާވެސް މިވަނީ އެރަށް މޮނިޓަރިން އަށް ލާފައެވެ.
އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އިއްޔެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެެގެން ހިތަދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. ހިތަދޫ ކޭސް އާ ގުޅިގެން މުޅި އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައި ވަނީ ހިތަދޫ އާއި ދެން ހުރި ރަށްތައް ގުޅިފައި ހުރުމުންނެވެ. ހިތަދޫ އާ ގުޅިފައި ހުރި ރަށްރަށުގެ ތެރޭގައި ހިމެނެނީ، ގަމާއި، ފޭދޫ އާއި މަރަދޫ ފޭދޫ އަދި މަރަދޫ އެވެ.
މީގެ އިތުރުން ހުޅުދޫ އާއި މީދޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ހުޅުދޫން 4 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.