ގދ. ގައްދޫ ކައިރީގައި ތަރައްގީކުރަމުންދާ ރިސޯޓަކަށް ދަތުރު ގޮސް އުޅުނު 17 އަހަރުގެ ކުއްޖެއެއްގެ ބޮލަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން އެއަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖަކު އެ ހޮސްޕިޓަލަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

އެކުއްޖާއަށް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިހާރު ތިއެޓާ ރޫމްގައި ފަރުވާ ދެމުންދާ ވެސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އަދި އެކުއްޖާ ހޮސްޕިޓަލަށް ގެނައި އިރަށް ވުރެ މިހާރު ހާލު ރަނގަޅު ކަމަށް ވެސް ހޮސްޕިޓަލުން ވަނި ބުނެފައެވެ.

ހޮސްޕިޓަލުން ބުނީ އެކުއްޖާގެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށާއި އަދި އިތުރު ގެންލުންތައް ލިބިފައި ވޭތޯ ބަލަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ފާރެއް ވެއްޓި ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.. އަދި ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަ ވެސް ވަނީ ގޮސްފަވެއެވެ.