ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިދިޔަ ހޮނިހިރު ދުވަހު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

އޭޑީކޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވަމުން ދާތީ އެޅި ފިޔަވަޅުތަކަށް ލުއި ދީ، މާދަމައިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ. އެ ހޮސްޕިޓަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީނު ވާނެ ޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް ފިޔަވަޅުތަކަށް ލުއި ދިން ވަކި ސަބަބެއް އެ ހޮސްޕިޓަލަކުން ނުބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އޭޑީކޭއިން އަޅާފައިވާ ފިަޔވަޅުތަކަށް ދިން ލުއިތަކަކީ:

  • އޯޕީޑީގެ ހިދުމަތްތައް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު ހުޅުވުން، ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ހޮސްޕިޓަލަށް ވެއްދޭނީ އެކަކަށް.
  • ބައެއް އިލެކްޓިވް ސާޖަރީތައް ފެށުން.
  • ބަލި މީހުން އެޑްމިޓްކުރަން އަލުން ފެށުން، ނަމަވެސް ބަލި މީހާ ކައިރީ މަޑު ކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓްރީ ކޮށްފައިވާ އެކަކަށް. އޭނާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭ. އަދި ބަލި މީހާ ކައިރީގައި ހުންނައިރު ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ނަރުހުންނަށް އަންގަން ޖެހޭނެ މިއެވެ.

ނަމަވެސް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ޒިޔާރަތް ކުރުން ވަނީ ހުއްޓާލާފައެވެ.

އޭޑީކޭން ބުނީ، މި ބަދަލުތަކާއެކު ވެސް އެ ހޮސްޕިޓަލުގެ އެމަޖެންސީގެ ހިދުމަތްތަކާ، އެމަޖެންސީގައި އެޑްމިޓް ކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ހަމައެއާއެކު އެ ހޮސްޕިޓަލުގެ އިލްތިމާސަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން ކަމަށެވެ. އެގޮތުން، ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމާއި، ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިއުމަށް އެ ހޮސްޕިޓަލުން އެދެއެވެ. އަދި ހިދުމަތް ހޯދަން ދާ ހާލަތްތަކުގައި ރަނގަޅު ގޮތުގައި މާސްކު އަޅައި، ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ވެސް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.