މާލެއިން 110 މީހުންނާއެކު މިއަދު 137 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 110 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 20 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 7 މީހެކެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،547 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 53 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،472 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2014 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 193 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 54 އަށް އަރާފައެވެ. މިހާރު އެއީ 47 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 54 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 706 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތު އިތުރު ކޮށް މިހާރު ކާފިއު ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ.
ހަމައެއާއެކު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.