މި އަަހަރު މެއި/ޖޫންގެ އޭ ލެވެލް އިމްތިހާނު ރާއްޖޭގައި ނުބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިމަހު ތިން ވަނަ ދުވަހުގެ 06:35 ގައި ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއާސަން އިން އާންމުކޮށްފައިވާ ބަޔާނުގައި އޭއެސް / އޭލެވެލް އިމްތިހާނަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ މެއި/ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެސް / އޭ ލެވެލް އިމްތިހާނު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ މެއި/ ޖޫން ގައި އޭއެސް / އޭ ލެވެލް އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް މި މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިއުލާނު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެސް/އޭ ލެވެލް އިމްތިހާނު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭއެސް/ އޭ ލެވެލްގެ އެޕްލިކޭޝަން މަރުހަލާ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މިހާރު ތާވަލު ކުރެވިފައި ވާ ގޮތަށް މިކަންކަން ކުރިއަށް ގެންދިއުމަށް މިނިސްތްރީން ވަނީ އެދިފައެވެ. އަދި އޭއެސް/ އޭ ލެވެލް އިމްތިހާނު ތަކަށް ދަރިވަރުން ތައްޔާރު ވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަ ގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ވަނީ އަންގާފައެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖެ އިން މި އިމްތިހާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމަންޓް ކުރިއަށް ގެންދެވޭނެ އިތުރު ގޮތެއް އޮތްތޯ ބެލުމަށް މިހާރު އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްވަރާގައި ދަރިވަރުންނާއި ސްކޫލްތަކުގެ ހިޔާލާއި މަޝްވަރާ ހޯދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.