ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މަޖިލިސް ކުރާ ގެއަށް މިއަދު ވަޑައިގަތުމުގެ ކުރިން ސިފައިންގެ ފަރާތުން އެރުވި އޮނާ ގާޑް އަކީ ސިފައިންގެ ތާރީހެއްގައި އެންމެ ގިނަ އަންހެން ސިފައިން ހޯނާ ގާޑްއެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު އެރުވި އޮނާ ގާޑްގައި 17 އަންހެން ސިފައިން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި އޮނާ ގާޑް އަކީ ސިފައިންގެ ތާރީހުގައި ވެސް އެންމެ ގިނަ އަންހެން ސިފައިން އޮނާ ގާޑްއެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިއަދު އެރުވި އޮނާ ގާޑްގައި 17 އަންހެން ސިފައިން ބައިވެރިވެފައވާއިރު ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން ވަނީ މަގާމުގެ ކުރިއެރުން ވެސް ހާސިލްކޮށްފައެވެ.

އެެގޮތުން މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމް ހާސިލް ކުރި ތިން އަންހެނުން ހިމެނެއެވެ.

އެތިން ފަރާތަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާއެވެ.